މަތިވެރީ ސްކޫލުގެ މަންޙަޖު
މަތިވެރީ ސްކޫލުގައި ތަޢުލީމާއި ތަރުބިއްޔަތު އުނގަންނައިދެމުން ގެންދަނީ ދިވެހިރާއްޖޭގެ ޤައުމީ މަންހަޖާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން މަތިވެރީ ސްކޫލުގައި އުންގަންނައިދެނީ ޤައުމީ މަންހަޖުގައިވާ ފުރަތަމަ ތިން މަރުޙަލާއާއި ހަމައަށެވެ. އެއީ ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާ، ފަށާ ތަޢުލީމުގެ މަރުޙަލާ އަދި ދަށު ސާނަވީ ތަޢުލީމުގެ މަރުޙަލާ އާއި ހަމައަށެވެ. ކޮންމެ މަރުޙަލާއެއްގައިވެސް ދަރިވަރުން ޙާޞިލުކުރަންޖެހޭ މިންވަރު ކަނޑައަޅާފައިވަނީ ދަރިވަރެއްގެ ޢުމުރުފުރައަށާއި ހެދިބޮޑުވުމަށް ރިޢާޔަތްކޮށްގެންނެވެ.
ފަށާ ތަޢުލީމާއި ދަށު ސާނަވީ ތަޢުލީމުގައި ދަރިވަރުން ޙާޞިލުކުރަންޖެހޭ މިންވަރުވަނީ ކީ ސްޓޭޖްތަކަށް ބަހައިލެވިފައެވެ. ކޮންމެ މަރުޙަލާއެއްވެސް ކީ-ސްޓޭޖްތަކަށް ބަހައިލުމުގެ ބޭނުމަކީ ދަރިވަރުން ކުރިއަށްދާ މިންވަރު ގިންތިކޮށް، ވަޒަން ކުރުމެވެ. އަދި ކޮންމެ ކީ-ސްޓޭޖެއް ނިމޭއިރުވެސް ޙާޞިލުވާންޖެހޭ މިންވަރު ޙާޞިލުވިތޯ ބެލުމަށް އެހީތެރިވެދިނުމެވެ.
ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާ
މި މަރުޙަލާއަކީ ޢުމުރުން 4 އަހަރާއި 6 އަހަރާ ދެމެދުގެ ދަރިވަރުންގެ ތަރުބިއްޔަތާއި ތަޢުލީމުގެ ބިންގާ އަޅައިދޭ މަރުޙަލާއެވެ. މި މަރުޙަލާގައި ދަރިވަރުންނަށް ކިޔަވައިދޭނީ ދަރިވަރުންނަށް މަޖާ އަދި ޝައުގުވެރި، އުނގެނުމުގެ ތެރެއިން ކަންކަން ހޯދާބަލައި، ތަޖުރިބާގެތެރެއިން ދަސްކުރެވޭގޮތަށެވެ. މި މަރުޙަލާގައި މިމެނެނީ އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ އެވެ. މި މަރުޙަލާގެ އަމާޒަކީ ވަށައިޖެހޭ ތަޢުލީމަށް ފުރުޞަތު ހޯދައިދިނުމާއި އުނގެނުމާއި ހެދިބޮޑުވުމަށް އެހީތެރިވެދިނުމެވެ. ހަމަ އެހެންމެ، ދަރިވަރަށް ރައްކާތެރި މާޙައުލެއްގައި ދުޅަހެޔޮކަމާއެކު އުނގަންނައިދީ ކުރިމަގުގައި އުނގެނުމަށް ޝައުގުވެރިކުރުމަށް ހަރުދަނާ ބިންގަލެއް އަޅައިދިނުމެވެ.
ފަށާ ތަޢުލީމުގެ މަރުޙަލާ
ފަށާ ތަޢުލީމުގެ މަރުޙަލާގައި ހިމެނެނީ ކީ-ސްޓޭޖް 1 (ގެރޭޑް 1،2،3) އާއި ކީ-ސްޓޭޖް 2 (ގްރޭޑް 4،5،6) އެވެ. ފަށާ ތަޢުލީމުގެ މަރުޙަލާގެ މައިގަނޑު މަޤުޞަދަކީ އިސްލާމް ދީނާ އެއްގޮތަށް އުޅުމުގެ ބިންގާ އަޅައިދިނުމާއެކު އުނގެނުމަށް ދަރިވަރުން ހިތްޖައްސުވައި ތަޢުލީމުގެ މަތީ ހަރުފަތްތަކުގައި ކާމިޔާބުކަމާއެކު އުނގެނުން ކުރިއަށްގެންދިއުމަށް ކޮންމެހެން ބޭނުންވާ ކަންކަމުގެ ބިންގާ އަޅައިދިނުމާއި ދިރިއުޅުމުގެ ހުރިހާ މަރުޙަލާއެއްގައިވެސް އުނގެނުމަށް ޝައުޤުވެރިކަން އުފެއްދުމެވެ.
ދަށު ސާނަވީ މަރުޙަލާ
މި މަރުޙަލާގައި ހިމެނެނީ ކީ-ސްޓޭޖް 3 (ގްރޭޑު 7،8) އާއި ކީ-ސްޓޭޖް 4 (ގްރޭޑު 9،10) އެވެ. މި މަރުޙަލާއަކީ ފަށާ ތަޢުލީމުގެ މަރުޙަލާގައި ދަރިވަރުންނަށް އަޅައިދެވުނު ބިންގަލުގެ މަތީގައި ދަރިވަރުންނަށް ދެވޭ މަޢުލޫމާތާއި ހުނަރާއި ސިފަތައް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް މަސައްކަތްކުރާ މަރުޙަލާއެވެ. ވުމާއެކު، އުފެއްދުންތެރި ކަންކަން ހޯދާބެލުމަށް ލޯބިކުރާ އަދި ޤާނޫނާއި ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތާ، އިސްލާމް ދީނުގެ ހަރުދަނާ ޢަޤީދާގެ މަތީގައި ދެމިތިބޭ، ރިވެތި އަޚްލާޤީ ސިފަ ލިބިފައިވާ ފަރުދުންތަކެއް ބިނާކުރުމަށް މި މަރުޙަލާގައި މަސައްކަތްކުރެވޭނެއެވެ.